ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން (އައިއެންއޭއެޗް) ދަށުން ކަނޑައަޅާފައިވާ މަގުސަދު ހާސިލް ކުރުމަށް ބީއެމްއެލް އިން އުފެއްދި އެ ބޭންކުގެ ސަބްސިޑިއަރީ ކުންފުންޏެކެވެ.
އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގަވާއިދުގެ ދަށުން، ރާއްޖޭގެ ކޮމާޝަލް ބޭންކުތަކުން ދޫކުރާ ޖުމްލަ ލޯނު ޕޯޓްފޯލިއޯގެ 10-15 ޕަސެންޓާ ދެމެދުގެ އަދަދެއް އެފޯޑަބަލް ހައުސިން އަށް ހާއްސަ ކުރަން ވަނީ ލާޒިމް ކޮށްފަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެ ބޭންކުގެ ސަބްސިޑަރީ ކުންފުނީގެ ހައުސިން ޔުނިޓުތައް އިމާރާތް ކުރުމަށް ހަވާލުކުރީ ބައިނަލްއަގްވާމީ ގޮތުން ފާހަގަކޮށްލެވޭ، ޗައިނާގެ މަޝްހޫރު ދެ ކުންފުންޏެއް ކަމަަށްވާ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ އެވެ.
އައިއެންއޭއެޗް ފްރޭމްވޯކާ އެއްގޮތަށް ހިންގާ އެ މަޝްރޫއުތަކުގައި ފެންވަރު ރަނގަޅު ހައުސިން ޔުނިޓުތައް އިމާރާތްކޮށް، ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ނިންމާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
ބީޔޫސީޖީއާ ހަވާލުކުރީ ހުޅުމާލޭ ޒޯން 2ގެ ޖުމްލަ 13،475 އަކަފޫޓުގެ ސަރަހައްދެއްގެ ހަތަރު ބިމެއްގައި 1،117 ހައުސިން ޔުނިޓު އިމާރާތް ކުރާށެވެ.
ބީޔޫސީޖީއަކީ ބައިނަލްއައަގުވާމީ ގިނަ ތަޖުރިބާތަކެއް ހޯދާފައިވާ އަދި ރާއްޖޭގައި އެކި ޕްރޮޖެކްޓްތައް މީގެ ކުރިން ވެސް ހިންގި ކުންފުންޏެކެވެ. އޭގެ ތެރޭގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ތަރައްގީ ކުރުން ފަދަ ބޮޑެތި މަޝްރޫއުތަކެއް ހިމެނެ އެވެ.
ހުޅުމާލޭގައި 1،224 އަގުހެޔޮ ފްލެޓު އިމާރާތް ކުރަން ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީން ހަވާލުކުރި ޗައިނާގެ ސީއެމްއީސީގެ ބައެއް އިސްވެރިންނާ އެކު | ބީއެމްއެލް
ބީއެމްއެލް އިން ބުނީ، ސީއެމްއީސީއާ ހަވާލުކުރީ ހުޅުމާލޭގައި 1،224 އެފޯޑަބަލް ހައުސިން ޔުނިޓް އިމާރާތް ކުރަން ކަމަށެވެ. އެއީ ވެސް އިމާރާތް ކުރުމުގެ ފާހަގަކޮށްލެވޭ އަދި ހުޅުމާލޭގެ ވިނަރެސް ހައުސިން ޕްރޮޖެކްޓް ނިންމި ކުންފުންޏެވެ. މިހާރު ވެސް ސީއެމްއީސީން އަންނަނީ ގުޅިފަޅާއި ހުޅުމާލޭ 2ގެ އިންފްރާސްޓްރަކްޗާ މަސައްކަތް ކުރަމުންނެވެ.
"މި ކޮންޓްރެކްޓަރުން ހޮވާފައިވަނީ އެމްއެމްއޭގެ އިންކްލޫސިވް ނެޝަނަލް އެފޯޑަބަލް ހައުސިން ސްކީމްގެ ދަށުން ގާއިމުކޮށްފައިވާ ގަވާނަންސް އަދި ރިސްކް ސްޓޭންޑާޑްތަކާ އެއްގޮތަށް ކުރިއަށް ގެންދިޔަ އިވެލުއޭޝަން މަރުހަލާ ފުރިހަމަކުރުމަށް ފަހުގަ އެވެ،" ބީއެމްއެލުން ބުންޏެވެ.
"އެގޮތުން، އެއްބަސްވުން ގާއިމުކުރެވުނު ދެ ކުންފުންޏަކީ ވެސް މާލީ ގޮތުން ގާބިލު، ބައިނަލްއަގުވާމީ މަޝްރޫއުތައް މެނޭޖް ކުރުމުގެ ތަޖުރިބާ ހުރި އަދި ރާއްޖޭގެ ކޮންސްޓްރަކްޝަން ދާއިރާގެ މާހައުލު ރަނގަޅަށް ދަންނަ ދެ ކުންފުންޏެވެ."
ބީއެމްއެލް އިން ބުނީ، އަގުހެޔޮ ފްލެޓުތައް އިމާރާތް ކުރުމުގެ މަޝްރޫއު ހިންގަނީ "ބޯހިޔާވަހިކަން އެންމެންނަށް" އަދި އާއިލީ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ސަރުކާރުގެ އިސްނެގުމުގެ މަތިން ކަމަށެވެ.
ރާއްޖޭގައި ކުޑަ އަގެއްގައި ގެދޮރު ހޯދުމުގެ ފުރުސަތުތައް އިތުރު ކުރުމަށްޓަކައި "ނެޝަނަލް ހައުސިންް އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ ޕްރޮޖެކްޓް" ފެށުމަށް ކެބިނެޓުން ވަނީ ކުރިން ނިންމައިފަ އެވެ.
ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކޮމްޕެނީ ހިންގަނީ ބީއެމްއެލް އިން ބުނި ގޮތުގައި އެމްއެމްއޭގެ ހުއްދައާ އެކު، ޝަރީއާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ މުހައްމަދު ޝަރީފް ވިދާޅުވެފައިވާ ގޮތުގައި، އެ ކުންފުނީގެ ބޭނުމަކީ އެ ފްލެޓް އެޅުމަށް ފަހު "ލީސް އެންޑިން ވިތު އޯނަޝިޕް" މޮޑެލްގެ ދަށުން އެ ތަންތަން ކުއްޔަށް ދިނުމެވެ. އަދި ކުލި ދައްކައި ނިމުމުން، އެތަން ކުއްޔަށް ނަގާ މީހަކަށް މިލްކުކޮށް ދެވޭނެ ކަމަށް އޭނާ ކުރިން ވިދާޅުވެފައި ވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެމްއެމްއޭގެ "އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިން ސްކީމް"ގެ އުސޫލުގެ ދަށުން އަގު ހެޔޮކޮށް ވިއްކަން އިމާރާތްކުރާ ފްލެޓުތަކުގެ ބިން ބީއެމްއެލް އަށް ދޫކޮށްފައި ވަނީ ހިލެ އެވެ.
އޭނާ ވިދާޅުވެފައި ވަނީ ބީއެމްއެލް އިން އަޅާ ފްލެޓްތައް ދޭނީ ސަރުކާރުން އިއުލާންކުރާ ޕްރޮގްރާމަށް ކުރިމަތިލައިގެން ހޮވޭ މީހުންނަށް ކަމަށާއި އެއީ ބޭންކުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ މީހުންނަށް ވެސް ވާން ޖެހޭނެ ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ސަރުކާރާ އެއްކޮށް، އަތުގުޅާލައި ބޮޑު މަޝްރޫއެއް ފެށުމަށް ބޭންކުން ނިންމީ، މިއީ މީގެ ކުރީގެ މެނޭޖްމަންޓުތަކުން ހަގީގަތުގައި ސަރުކާރަށް ދީފައި ނުވާވަރުގެ އެއްބާރުލުމެއް،" އަގުހެޔޮކޮށް ވިއްކަން ފްލެޓުތައް އިމާރާތްކުރާ ބިންތައް ބީއެމްއެލްއާ ހަވާލުކުރަން މިދިޔަ ނޮވެމްބަރު 13 ވަނަ ދުވަހު ބޭއްވި ރަސްމިއްުޔާތުގައި އޭނާ ވިދާޅުވެފައި ވެ އެވެ.
ބީއެމްއެލް އިން ބުނީ، އެ ބޭންކާއި ހައުސިން ސަބްސިޑަރީ ކުންފުނިން އަންނަނީ ގައުމީ ބޯހިޔާވަހިކަމުގެ އިސްކަންދޭ ކަންކަމަށް އެއްބާރުލުން ދެމުންނެވެ. އެގޮތުން އެންމެންނަށް ބައިވެރިވެވޭ އަދި ހަރުދަނާ މާލީ ނިޒާމެއް ގާއިމުކުރުމަށް އެމްއެމްއޭ އިން ގެންގުޅޭ ތަސައްވަރާ އެއްގޮތަށް، ހެޔޮ އަގެއްގައި އަމިއްލަ ބޯހިޔާވަހިކަން ހޯދުމުގެ ފުރުސަތު އިތުރު ކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކޮށްދެމުން އަންނަ ކަމަށް ބުންޏެވެ.
ބީއެމްއެލް އިން ހިންގާ މި މަޝްރޫއުގެ ދަށުން ވިލިމާލޭގައި 300 ފްލެޓާއި ހުޅުމާލެ 1 އަދި ހުޅުމާލެ 3 ގައި 2،700 ފްލެޓާ އެކު، ޖުމްލަ 3،000 ފްލެޓް އަޅާނެ އެވެ.
އެ ބޭންކުގެ ތަރުޖަމާން މުހައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިން ކުންފުނިން މިއަދު މަސައްކަތް ހަވާލުކުރި ހައުސިން ޔުނިޓްގެ އިތުރުން ދިވެހި ކޮންސްޓްރަކްޝަން ކުންފުނިތަކާ އެކު އިތުރު ހައުސިން ޔުނިޓްގެ މަސައްކަތް ހަވާލުކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
"މިއާއެކު ޖުމުލަ 3000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މި އަންނަ ޖަނަވަރީ މަހު ފެށޭނެ،" އޭނާ ވިދާޅުވި އެވެ.